ފިޓްނަސް އިންސްޓްރަކްޓަރ ލެވަލް 3 ގެ ފުރަތަމަ އެޕްރޫވްޑް ކޯސް ނިންމާ ސެޓިފިކެޓްދީފި

Dec 16, 2019

ޙަބަރު

 22 އޮކްޓޯބަރ 2016 ؛ ސްޕޯޓްސް ސައެންސް ގެ ދާއިރާއިން ގައުމީ ފެންވަރުގައި ބަލައިގަންނަ ލެވަލް 3 ގެ ފުރަތަމަ ސެޓިފިކެޓްކޯސް ނިންމި 9 ދަރިވަރަކަށް މިއަދު ސެޓިފިކެޓްދީފިއެވެ. މިސެޓިފިކެޓަކީ ރާއްޖޭގެ ކޮލިފިކޭޝަންސް އޮތޯރިޓީއާއިި ޓިވެޓް އޮތޯރިޓީން ގަބޫލުކުރާ ސެޓިފިކެޓެކެވެ.

ފިޓްނަސް އިންސްޓަރކްޓަރ ލެވަލް 3 ގެ ސެޓިފިކެޓަކީ ގްރޭޑް 10 ގެ ފެންވަރުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސޮތަށް ފަހި ކޮށްދޭ ކޯހެއް ކަމުގައި، މިކޯސް ހިންގާ މާލޭ ފިޓްނަސް ކްލަބް އެކަޑަމީގެ ކޯސް ކޯޑިނޭޓަރ އައިޝަތު ޒައިން ހާމިދު މައުލޫމާތު ދެއްވިއެވެ. މާލޭ ފިޓްނަސް ކްލަބަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ފިޓްނަސް ކްލަބެކެވެ. މިކްލަބް ހުޅުވީ 1989 ގައެވެ. 

ކޯހުގެ ފުރަތަމަ ބެޗްގެ ސެޓިފިކެޓް ދިނުން އޮތީ ސޯލްޓް ކޮންފަރެންސް  ހޯލްގައި މިއަދު ހަވީރު 4.00 ގައި އޮތް ރަސްމިއްޔާތެއްގައި، މިކޯހުގެ ދެވަނަ ބެޗްގެ ދަރިވަރުންގެ ހާޒިރުގައެވެ. މި ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ޓިވެޓް އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހައްނާނު ވަހީދެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި، މިކޯސް އެކުލަވައިލުމުގައި، އެމްއެފްސީ އެކެޑަމީގެ ބައިވަރިވުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނު ދެކިވަޑައިގަންނަގޮތުގައި މިކޯހަކީ މިފަންނުގެ ލެވެލް 3ގެ ޤައުމީފެންވަރުގެ ފުރަތަމަ ކާމިޔާބު ކޯސްކަމުގައި ފާހަގަކުރެއްވިއެވެ. މިފަންނަކީ އިތުރުވަމުންއަންނަ ފިޓްނެސް ސެންޓަރުތަކަށާއި ޓުއަރިސްޓް ރިސޯޓްތަކުގެ ޖިމްތަކަށް ބޭނުންވެފައިވާ ހުނަރުވެރިން އުފައްދައިދޭނެ ކޯހަކަށްވާނެކުމުގައިވެސް ވިދާޅުވިއެވެ.

22-10-chiefguest

ކޯސް އިންސްޓަރކްޓަރ، ޝްރީލަންގާގެ ފަންނާނެއްކަމުގައިވާ ޖަނަކަ ސަމަރަސިންގްހާ ހާމަކުރެއްވި ގޮތުގައި، 2017 ގެ ފެބްރުއަރީ މަހުގާ ފަށާ ތިންވަނަ ކޯސް އަމާޒުކޮށްފައިވާނީ މިއަހަރު އޯލެވަލް ނިންމި ދަރިވަރުންނަށެވެ. އަދި މިކޯހަކީ ކުޅިވަރާ، ފިޓްނަސް އަދި ފިޒިކަލް އެޑިޔުކޭޝަން އާއި ކޯޗިންގްގެ ދާއިރާއިން އުފެދެމުންދާ ވަޒީފާތަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް ކްލާސްރޫމްކިޔެވުމުގެ އިތުރުން 60 ގަޑިއިރުގެ އިންޓާންޝިޕް ގެ އަމަލީ ތަޖްރިބާ ކޯހުގެ ބައެއްގޮތުގައި އެކުލަވާލާފައި ކޯހެއްކަމުގައިވެސް ސަމަރަސިންހާ ތަފްސީލްކޮށްދެއްވިއެވެ.

ފިޓްނަސް އިންސްޓަރަކްޓަރ ނެޝަނަލް ސެޓިފިކެޓް 3 ގެ ތިންވަނަ ބެޗަށް އަންނަ އަހަރު 2 ފެބްރުއަރީ 2017 ގައި ފަށަން ވަނީ ތާވަލްކޮށްފައެވެ.